"ފަންނީ ތަޖުރިބާކާރުންގެ ލަފާ އެންމެ ބޭނުންވި ވަގުތު އެކަހެރިކުރުމުން މުއައްސަސާތައްވަނީ ބަލިކަށިވެފައި"
ސަން
3 ފެބްރުއަރީ 2026 | އަންގާރަ | 8:42
ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މާލީ އަދި އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށް، ފަންނީ ތަޖުރިބާކާރުންގެ ލަފާ އެންމެ ބޭނުންވި ވަގުތު އެ ބޭފުޅުން އެކަހެރިކުރުމުން މުއައްސަސާތައް ވަނީ ބަލިކަށިވެފައިކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ޕެންޝަން އޮފީހުން ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ކުރީގެ މިނިސްޓަރު އަމީރު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރަނި ބެލެހެއްޓުމުގައި އިސްތިރާޖީ ރޭވުންތެރިކަން އިސްކުރުމަކީ ކޮންމެ ސަރުކާރެއްގެ ވެސް މާލީ ސިޔާސަތުގެ މައިބަދައަށް ވާންޖެހޭނެ ކަމަށެވެ.
ނަމަވެސް، ދަރަނި އަދާކުރަންޖެހޭ ވަގުތު ކައިރިވަންދެން މަޑުކުރުމަކީ، ޚާއްސަކޮށް ދައުލަތުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ، އިގްތިޞާދީ ކުރިއެރުމެއް ފެންނަން ނެތް ހާލަތެއްގައި އޮތް ޤައުމަކަށް ކުރިމަތިވާނެ ބޮޑު ކާރިސާއެއްކަން އަމީރު ފާހަގަކުރެއްވިއެވެ.