ޕެންޝަން ފަންޑުގެ 2.4 ބިލިއަންގެ މުއާމަލާތް: "މިއީ ފައިސާ ޗާޕް ކުރުން، ތަކެތީގެ އަގު ބޮޑު ވެދާނެ"
ސަން
4 ފެބްރުއަރީ 2026 | ބުދަ | 9:32
ޕެންޝަން އޮފީހުން ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތުގެ ސަބަބުން ދައުރުވާ ދިވެހި ފައިސާ އިތުރުވެ, އިންފްލޭޝަން މަތިވެދާނެ ކަމަށާއި މި ދަނޑިވަޅުގައި މިކަން ކުރަން މިޖެހުނު ސަބަބު, މަރުކަޒީ ބޭންކް އެމްއެމްއޭއަށް ބުނެދެވިފައިނުވާ ކަމަށް، އެކަމާ ގުޅިގެން އިހުތިޖާޖުކުރުމަށް ޕެންޝަން އޮފީހުގެ އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ މަގާމުން އިސްތިއުފާ ދެއްވި ސަރުވަޝް އާދަމް މިއަދު ވިދާޅުވެއްޖެއެވެ.
ޕެންޝަން އޮފީހުން ހިންގަން އުޅޭ މުއާމަލާތާ ގުޅިގެން ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަނިކޮށް އިއްޔެ ނެރުނު ބަޔާނެއްގައި އެ އޮފީހުން ބުނެފައިވަނީ، ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ ދިވެހި ރުފިޔާ އާއި އެމެރިކާ ޑޮލަރުން ރިޓާން ނުވަތަ ފައިދާ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ "ޑުއަލް ކަރަންސީ" ޓްރެޒަރީ ބޮންޑެއްގައި 2.4 ބިލިއަން ރުފިޔާ އިންވެސްޓް ކުރުމަށް ކަމަށެވެ.
ޕެންޝަން އޮފީހުން ބުނި ގޮތުގައި މި މުއާމަލާތުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު އެއް ކުރިއެރުމަކީ، ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި، އިންވެސްޓްމަންޓެއްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެން ދިއުމެވެ. މީގެ އިތުރުން، މިހާރު ހުރި ބައެއް ޓްރެޒަރީ ބިލްތައް ދިގު މުއްދަތުގެ ބޮންޑުތަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބި، ޕޯޓްފޯލިއޯގެ އެވަރެޖް ޑިއުރޭޝަން ދިގުވެ، ލިބޭ ފައިދާ އިތުރުވެގެންދާނެ ކަމަށް ވެސް ފާހަގަކުރެއެވެ.