މި ސަރުކާރަށް މަޖިލިސް ލިބުނު ނަމަވެސް، ނަހަމަގޮތުގައި ބާރުގެ ބޭނުންކޮށްފައި ނޯންނާނެ: ސަޢީދު
ސަން
4 ފެބްރުއަރީ 2026 | ބުދަ | 12:48
މި ސަރުކާރަށް މި ހިނގާ ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ލިބުނުއިރު، އެ ބާރުގެ ބޭނުން ނަހަމަގޮތުގައި އެއްވެސް ވަރަކަށް ކޮށްފައި ނޯންނާނެ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ރޭ ވިދާޅުވެއްޖެއެވެ.
އަންނަ ލޯކަލް ކައުންސިލު އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީން ވާދަކުރާ ދާއިރާތަކުގެ ތެރެއިން މާފަންނު ހުޅަނގު ދާއިރާގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ސަޢީދު ވިދާޅުވީ، މި ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ދިނުމަކީ ރައްޔިތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުތަކަށް ރައްޔިތުން ކުރާ އިތުބާރު ފެނިގެން ދިޔަ ކަމެއް ކަމަށެވެ.
ސަޢީދު ވިދާޅުވީ، ވަކި ޕާޓީއެއްގެ ފިކުރަކަށް ނުވިސްނައި އާންމު ރައްޔިތުން އަމިއްލައަށް ވިސްނައިފިނަމަ، މި ސަރުކާރު އައީ ރާއްޖޭގެ އިޖުތިމާއީ ބޮޑެތި މައްސަލަތައް ހައްލުކުރަންކަން އެނގޭނެ ކަމަށެވެ.