ރިޔާސީ ބަޔާނުގައި ވިދާޅުވި 90 ޕަސެންޓު މަސައްކަތް ފުރިހަމަނުވޭ: އެމްޑީޕީ
ސަން
4 ފެބްރުއަރީ 2026 | ބުދަ | 8:33
ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ރިޔާސީ ބަޔާން މާދަމާ ދެއްވާއިރު، މިދިޔަ އަހަރުގެ ބަޔާނުގައި ފާހަގަކުރެއްވި މަސައްކަތުގެ 90 އިންސައްތަ މަސައްކަތް ސަރުކާރުން ފުރިހަމަކޮށްފައި ނުވާކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފިއެވެ.
ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ އައު ދައުރު ފެށުމަށް މާދަމާ ބާއްވާ ޖަލްސާގައި ރައީސް ރިޔާސީ ބަޔާން އިއްވަވާނެއެވެ.
އެ ޖަލްސާއާ ގުޅޭ ގޮތުން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވަނީ، ކުރީގެ ރިޔާސީ ބަޔާންތަކުގައި ރައީސް ދައްކަވައިފައިވާ ވާހަކަފުޅުތައް ފާހަގަކޮށް، އޭގެ ތެރެއިން ގިނަ ކަންކަން ފުރިހަމަވެފައި ނުވާ ކަމަށް ބުނެފައެވެ.