އޭޕްރީލް މަހު ސުކޫކު ދައްކާނީ ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަަވަރުވާ ގޮތަށް، އިންޓްރެސްޓް ރޭޓު ނުވަ ޕަސެންޓަށްވުރެ އިތުރުނުވާނެ: ރައީސް

ސަން

5 ފެބްރުއަރީ 2026 | ބުރާސްފަތި | 11:50

އަންނަ އޭޕްރިލް މަހު ރާއްޖޭން ދައްކަން ޖެހޭ ބައި ބިލިއަން ޑޮލަރުގެ ސުކޫކުގެ އެއްބައި ދެއްކުމަށްފަހު ސުކޫކު ރީފައިނޭންސްކުރާނީ ވޭތުވެދިޔަ ސަރުކާރުތަކާ ޚިލާފަށް، އިންޓްރެސްޓް ރޭޓު ނުވަ ޕަސެންޓަށް ވުރެ އިތުރުނުވާނެ ފަދަ ގޮތަކަށް ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރަށް އޮތް އެންމެ ބޮޑު މާލީ ނުތަނަވަސްކަމަކީ ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ސަރުކާރުން 2017ވަނަ އަހަރު ބައިނަލްއަގުވާމީ މާކެޓުން އޭރު ނެގި 250 މިލިއަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑު އަދާކުރުމަށް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ނެގި ބައި ބިލިއަން ޑޮލަރުގެ ސުކޫކު އަނބުރާ ދައްކަން ޖެހުން ކަމަށެވެ.

ދެވަނައަށް ދިމާވި އެންމެ ބޮޑު ދައްޗަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ރާއްޖޭގެ އިގުތިޞާދީ ހާލަތާ ބެހޭގޮތުން ނޮވެންބަރު 23، 2022ގައި ތައްޔާރުކުރި ރިޕޯޓުގައި، ރާއްޖެ އޮތީ ދަރަނިތައް ދެއްކޭ ވަރަށް ވުރެ ގޯސް ހާލަތެއްގައިކަން ބަޔާންކޮށްފައި އޮތުން ކަމަށް، ރައީސް ވިދާޅުވިއެވެ.

މައުޟޫޢުތަށް