މާޗު މަހުން ފެށިގެން، ކޮންމެ ހޯމަ ދުވަހަކު މީޑިއާތަކާ ބައްދަލުކުރާނަން: ރައީސް
ސަން
5 ފެބްރުއަރީ 2026 | ބުރާސްފަތި | 1:13
އަންނަ މާޗު މަހުން ފެށިގެން، ކޮންމެ ހޯމަ ދުވަހަކު މީޑިއާތަކާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައި، ހަރުދަނާ މީޑިއާއެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އިސްލާމީ މުޖުތަމައެއްގައި ހިފަހައްޓަން ޖެހޭނެ މިންގަނޑުތައް ހިފަހައްޓައި، މައުލޫމާތު ފުރިހަމަ، ތެދު ޚަބަރު ފޯރުކޮށްދޭ މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ހައްގެއް ކަމަށެވެ.
އެ ހައްގު ކަށަވަރުކޮށްދިނުމުގައި މި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވަނީ ދައުލަތުން ފުރަތަމަ ފަހަރަށް މީޑިއާތަކަށް ފައިސާ ދޫކޮށްފައިވާކަން ފާހަގަކުރައްވައިފައެވެ. އެގޮތުން 40 މީޑިއާއަކަށް 27 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.