ކަނޑުން ގެއްލުނު ބަޔަކީ ރާއްޖޭގެ ސަރަހައްދެއް ކަމަށް ރައީސް ވިދާޅުވުމުން އެތަން ބަލަހައްޓާނަން: ޑިފެންސް މިނިސްޓްރީ

ސަން

5 ފެބްރުއަރީ 2026 | ބުރާސްފަތި | 6:22

ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ވަކިކުރަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނަމަވެސް، 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދަކީ އަދިވެސް ރާއްޖޭގެ ސަރަހައްދެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއުލާނުކުރެއްވުމާ ގުޅިގެން، އެ ސަރަހައްދު ހިމާޔަތްކޮށް ސިފައިން ބަލަހައްޓަމުންދާނެ ކަމަށް، ޑިފެންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.

މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ، ގާނޫނުއަސާސީއާއި ރާއްޖޭގެ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ސަރަހައްދުތަކަށް އެއްވެސް ބަދަލެއް އައިސްފައިވާކަމަށް ދިވެހި ސަރުކާރުން ބަލައިނުގަންނަ ކަމަށް ވިދާޅުވެ، 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ ސަރަހައްދެއްކަމަށް ގާނޫނުގައި ހިމެނުމަށް ހުށަހަޅުއްވާނެކަން ހާމަކުރައްވައިފައެވެ.

އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި ޑިފެންސް މިނިސްޓްރީން ބުނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ 200 ނޯޓިކަލްް މޭލުގެ ފުޅާ ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ ޚާއްސަ އިގުތިޞާދީ ސަރަހައްދު ކަމަށެވެ. އެގޮތުން ޖުލައި 31، 1976 ގައި ރާއްޖޭން ވެފައިވާ "ޑިޓަމިނޭޝަން އޮފް ދަ ޓްރައިޖަންކްޝަން ޕޮއިންޓް އިން ދަ ގަލްފް އޮފް މަނާރު" އެއްބަސްވުން ފިޔަވައި އެހެން ގައުމަކާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން އެއްވެސް މިންވަރެއް ގެއްލިގެންދާނެ ފަދަ އެއްބަސްވުމެއް ނުވާ ކަމަށެވެ.

މައުޟޫޢުތަށް