ކުދި ވިޔަފާރިތަކަށް ސަރުކާރުން 15 ދުވަސްތެރޭ ފައިސާ ދައްކާގޮތަށް ހަދާނަން: މިނިސްޓަރު
ސަން
6 ފެބްރުއަރީ 2026 | ހުކުރު | 12:50
ރާއްޖޭގައި ހިންގާ ކުދި ވިޔަފާރިތަކަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާ 15 ދުވަހުގެ ތެރޭގައި ދައްކައި ނިންމުމަކީ މިހާރުގެ އަމާޒެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރޭ ވިދާޅުވެއްޖެއެވެ.
ސަރުކާރުން ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާ ދީފައި ނުވުމުގެ ސަބަބުން އެތައް ވިޔަފާރިއެއް ހުއްޓޭ ހިސާބަށް މި ފަހުން ކަންކަން ވަނީ ގޮސްފައެވެ. އެ ފައިސާ އެއްކޮށް ދައްކައި ނިންމާނެ ކަމަށް ސަރުކާރުން އެކި ތާރީހުތައް ދިން ނަމަވެސް މިހާތަނަށް އޮތީ އެކަން ނުވެއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއްޔެ ދެއްވި ރިޔާސީ ބަޔާނާ ގުޅޭގޮތުން, ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ, އެ ވިޔަފާރިތަކުން ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަަކަށް ދީފައިވާ ހިދުމަތާއި ފޯރުކޮށްދީފައިވާ ތަކެއްޗަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ އޮތްއޮތުން ކަމަށެވެ.