ސަރުކާރުން ލޮޖިސްޓިކް ވިޔަފާރިއަށް ވަނުމުން، އަމިއްލަ ވިޔަފާރިތަކަށް ވާނީ ގެއްލުން، ވާނީ އިތުރަށް ނިކަމެތި: ޝާހިދު
ސަން
7 ފެބްރުއަރީ 2026 | ހޮނިހިރު | 9:23
ސަރުކާރުން ލޮޖިސްޓިކްސް ކުންފުންޏެއް އުފައްދައިގެން އެ ދާއިރާގެ ވިޔަފާރީގެ ތެރެއަށް ވަނުމަކީ އަމިއްލަ ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ލިބި، ރައްޔިތުން އިތުރަށް ނިކަމެތިވާނެ ކަމެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ސަރުކާރުން ލޮޖިސްޓިކްސް ކުންފުންޏެއް އުފައްދަން ނިންމުމަކީ މިނިވަން ވިޔަފާރީގެ އުސޫލުތަކާ މުޅިން ޚިލާފު، އަދި ދުނިޔޭގެ އެއްވެސް ގައުމެއްގައި ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.
ޝާހިދު ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ އަސްލު ދައުރަކީ ވިޔަފާރިތަކާ ވާދަކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި ސަރުކާރުން ކުރަންޖެހޭ ކަމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހިތްވަރުދީ، އެފަދަ ވިޔަފާރިތައް ކުރިއެރުވޭނެ މަގު ފަހިކޮށްދިނުމެވެ. ސަރުކާރަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ސީދާ ވާދަވެރިވުމަކީ ބާޒާރުގެ ވާދަވެރިކަމުގެ ހަމަ ނައްތާލައި، އިގްތިޞާދީ ހަމަތައް ފުނޑުފުނޑުކޮށްލާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.