ދަރުމަވަންތަ ހޮސްޕިޓަލުގައި ނާރުގެ ބަލިތަކާއި ސްޓްރޯކަށް ހާއްސަ ސެންޓަރެއް
ސަން
9 ފެބްރުއަރީ 2026 | ހޯމަ | 11:40
ދަރުމަވަންތަ ހޮސްޕިޓަލްގައި ނާރުގެ ބަލިތަކާއި ސްޓްރޯކަށް ޚާއްސަ ސެންޓަރެއް ރޭ ހުޅުވައިފިއެވެ.
ނާރުގެ ބަލިތަކާއި ސްޓްރޯކަށް ޚާއްސަކޮށްގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވި، "ނޭޝަނަލް ސެންޓާ ފޯ ނިއުރޯސައިންސް އެންޑް ސްޓްރޯކް"ގެ ޚިދުމަތްތައް އިފްތިތާހުކޮށްދެއްވީ މާލެ ސިޓި ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙިމް އަބްދުއްރައްޒާގް ހަލީމެވެ.
އެ ސެންޓަރުގެ ޚިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ހަލީމް ވިދާޅުވީ، އެސެންޓަރުގެ ސަބަބުން މުސްތަޤްބަލުގައި ރޮބޮޓިކް ޓެކްނޮލޮޖީ ފަދަ ޒަމާނީ ވަސީލައްތަކާއެކު ސިކުނޑިއާއި މައިބަދައިގެ އޮޕްރޭޝަންތައް ކުރެވިގެންދާނެ ކަމަށެވެ. އަދި މުޅި ރާއްޖެ ގުޅާލެވޭ ވިއުގައެއް މެދުވެރިކޮށް ސްޓްރޯކްގެ ބަލިމީހުންނަށް ހަލުވިކަމާއެކު ފަރުވާލިބޭނެ ނިޒާމެއް ޤާއިމްވެގެންދާނެކަމަށެވެ.