ފަހި ޓަވަރުތަކަށް ވަންނަ ދޮރާ ދިމާލަށް ވެސް ކުންފުނިތައް؛ އެފްޑީސީން އެދުނީ އެއްބާރުލުން ދިނުމަށް
ސަން
9 ފެބްރުއަރީ 2026 | ހޯމަ | 11:45
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ފުލެޓުތައް ކައިރިއަށް ކުނި އަޅާ މައްސަލަ އަދިވެސް ހައްލުނުވެ، ކޮރިޑޯތަކަށާ އެއްކޮށް ކުނި އަޅަމުންދާތީ، އެ ސަރަހައްދު ސާފުކޮށް ބޭއްވުމަށް އެންމެން ވެސް އެއްބާރުލުން ދިނުމަށް އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިރޭ ވިދާޅުވެއްޖެއެވެ.
ދެތިން މަހެއް ކުރިން މީހުން ދިރިއުޅެން ފެށި، އެފްޑީސީ ފުލެޓުތައް ކައިރިއަށް ކުނި އަޅާފައި ހުންނަ ކަމުގެ ޝަކުވާ ސޯޝަލްމީޑިއާގައި އަންނަނީ ކުރަމުންނެވެ. ދައުރުވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި، ގިނަ އަދަދަކަށް ބޮޑެތި ފޮށިގަނޑު ފަދަ ކުނި އެ ސަރަހައްދަށް ވަނީ އަޅާފައެވެ.
ހެރިޓޭޖު މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ޝަމްއޫން ޖަލީލް (ލޫކަސް) ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި، ޓަވަރަށް ވަންނަ ހިސާބުގައި، ކޮރިޑޯއަށާއެކު ކުނިފުންޏެއް ޖަހައިފައި ހުރި މަންޒަރު ފެނެއެވެ. އޭގެ ސަބަބުން ވަދެނުނިކުމެވޭ ހިސާބަށް ގޮސްފައިވާ ކަމަށް، ވީޑިއޯ ހިއްސާކުރި މީހާ ބުނެފައިވެއެވެ.