ޚިޔާލު ހޯދުމުގެ ނަމުގައި ޕީއެންސީން އުޅެނީ ރިޔާސީ އިންތިޚާބު ވަގަށް ނަގަން: އެމްޑީޕީ
ސަން
10 ފެބްރުއަރީ 2026 | އަންގާރަ | 11:41
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ނަމުގައި ވެރިކަންކުރާ ޕީއެންސީން އުޅެނީ 2028ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ވަގަށް ނެގުން ކަމަށް، އިދިކޮޅު އެމްޑީޕީގެ މެންބަރުން މިއަދު ތުހުމަތުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ފާސްކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރުމެވެ.
ރިޕޯޓަށް ބަހުސްކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވަނީ، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޗުއްޓީގައި ގާނޫނުއަސާސީ އިސްލާހުކުރަން ޕީއެންސީގެ މަޖިލީހުގެ މެންބަރުން މަސައްކަތްކުރައްވަނީ އަވަސް އަރުވާލައިގެން ކޮން މަގުސަދެއް ހާސިލުކުރަންތޯ، އަދި ކޮން ހައްސާސް ކަމެއް އޮވެގެންތޯ ސުވާލު އުފައްދަވައިފައެވެ.