2 އިންތިޚާބު އެއްކުރަން ފާސްކުރީ ވަލު ދޮރާށިން ދެވަނަ ދައުރެއް ހޯދަން: ފައްޔާޒު
ސަން
10 ފެބްރުއަރީ 2026 | އަންގާރަ | 2:08
ގާނޫނުއަސާސީއަށް ބަދަލު ގެނެސް، މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލަން ސަރުކާރުން މަސައްކަތްކުރަނީ ދެވަނަ ދައުރެއް "ވަލު ދޮރޯށިން" ހޯދަން ކަމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ތުހުމަތުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުގެ ފަރާތުން ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙް ގާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހު ފާސްކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރުމެވެ.
މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުاللهގެ ވޯޓާ އެކު، ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ މަޖިލީހުން މިއަދުގެ ޖަލްސާގައިވަނީ މި އިސްލާހު ފާސްކޮށްފައެވެ. ޖުމުލަ 72 މެންބަރަކު ބިލާ އެއްކޮޅަށް ވޯޓު ދެއްވިއިރު، ބިލާ ދެކޮޅަށް ވޯޓުދެއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙްމާން އެކަންޏެވެ. އެމްޑީޕީގެ ހަތަރު މެންބަރަކު ތަޅުމުން ނެރެ، ވިއްސަކަށް މިނެޓު ވަންދެން މެދުކަނޑާލި ޖަލްސާގެ ވޯޓު ވަގުތު އެމްޑީޕީގެ އެއްވެސް މެންބަރަކު ބައިވެރިވެވަޑައިނުގެންނެވިއެވެ.