ސްކޭމްކޮށްގެން 150،000 ހޯދިކަމަށް ތުހުމަތުވާ މީހާއާ ދެކޮޅަށް ދައުވާކޮށް، ބަންދަށް އިތުރު 30 ދުވަސް
ސަން
11 ފެބްރުއަރީ 2026 | ބުދަ | 10:41
މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެ މީހާގެ ނަމުގައި އެކި މީހުންނާ ވާހަކަދައްކައިގެން މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000 އަށްވުރެ ގިނަ ރުފިޔާ ހޯދައި، އެ ފައިސާތަކުގެ ތެރެއިން ބައެއް ނަގާފައިވާ މައްސަލައަކާ ގުޅިގެން ހައްޔަރުކުރި މީހަކާ ދެކޮޅަށް ދައުވާކޮށް، އިއްޔެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފިއެވެ.
މިިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފުލެޓު 06-2-39، މާލެ، އުމުރުން 39 އަހަރުގެ ޙަސަން އަޒުރާހެވެ.
މިދިޔަ ޑިސެންބަރު މަހުގެ ހަތްވަނަ ދުވަހު އޭނާ ހައްޔަރުކޮށްފައިވަނީ މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒްކޮށްގެން، އެ މީހާގެ ނަމުގައި އެކި މީހުންނާ ވާހަކަދައްކައިގެން މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000 ރުފިޔާއަށްވުރެ ގިނަ ފައިސާ ހޯދާފައިވާ ކަމަށް މިދިޔަ ނޮވެންބަރު 30ވަނަ ދުވަހު އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅުމުންނެވެ.