ފަލާހް ލާދީނީއަށް ގޮވުމުން އެމްޑީޕީން ކަންބޮޑުވެއްޖެ، އަބްދުއްރަހީމް ވިދާޅުވީ ހުއްޓުވެން ނެތް ކަމަށް
ސަން
11 ފެބްރުއަރީ 2026 | ބުދަ | 12:36
ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ ބޮލުގައި "ލާދީނީ" ޓެގު އަޅުވާތީ އެ މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް، ގާނޫނަކުން ނޫނީ އެކަން މަޖިލީހުގައި ނުހުއްޓުވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާގައި މިއަދު އެންމެ ފުރަތަމަ ބަހުސްކުރަން އޮތީ، މިސްކިތްތަކަށް ގެއްލުންދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަނޑައެޅުމަށް މިދިޔަ ނޮވެންބަރު މަހު ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ބިލަށް ބަހުސްކުރުމެވެ.
އެ ބިލަށް ބަހުސްކުރައްވަމުން ބިލަށް ތާއީދުކުރައްވާކަން ހާމަކުރެއްވުމަށް ފަހު، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވީ، އެމްޑީޕީގެ މިދިޔަ ސަރުކާރުގައި މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކޮށް ރާ ބޮއެ މީހުން ނިދާ ދަރަޖައަށް ދިޔަ ކަމަށާއި، ނަމަވެސް ކޯޓުން ވެސް އެ ކުށްތަކުގެ ތުހުމަތުވާ ފަރާތްތައް ދޫކޮށްލީ ކަމަށެވެ.