އެސްއެމްއީ ޑިޖިޓަލްއިން 4 މަސް ތެރޭ އެސްއެމްއީތަކަށް ބޭނުންވާ ހުރިހާ ފައިނޭންސިންއެއް ތައާރަފުކޮށްފި
ސަން
11 ފެބްރުއަރީ 2026 | ބުދަ | 3:44
ހަތަރު މަސް ދުވަސް ތެރޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިން ބޭނުންވާނެ ހުރިހާ ދާއިރާއަކަށް ޕްރޮޑަކްޓްތައް ތައާރަފުކޮށް، އެސްއެމްއީ ޑިޖިޓަލްއިން ފައިނޭންސިން ދޫކުރަން ފަށައިފިއެވެ.
ދިވެހިރާއްޖޭގެ އިގްތިސާދުގެ މައިބަދައަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކެވެ. ގޭތެރޭގައި ކުރާ ކުދި މަސައްކަތްތަކުން ފެށިގެން ފުޅާވަމުން އަންނަ ގެސްޓްހައުސްތަކާއި، އަންހެން ވިޔަފާރިވެރިންގެ ހީވާގި މަސައްކަތްތަކަކީ ގައުމުގެ ކުރިއެރުމާ ގުޅިފައިވާ މުހިންމު ދާއިރާތަކެކެވެ. ނަމަވެސް، މިފަދަ ވިޔަފާރިތަކަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވިޔަފާރި ފުޅާކުރުމަށް އަދި ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ މާލީ އެހީތެރިކަން އެކަށީގެންވާ ވަގުތުގައި ލުއި ގޮތެއްގައި ނުލިބުމެވެ.
އެކަން ފޫބެއްދުމަށްޓަކައި، އެސްއެމްއީ ޑިޖިޓަލްއިން ވަނީ ޝަރީއާ ހަމަތަކަށް ފެތޭ ފުރިހަމަ ފައިނޭންސިން ނިޒާމެއް ބިނާކޮށްފައެވެ. މިއީ ވިޔަފާރި ފަށާ މަރުހަލާއިން ފެށިގެން ފުޅާކުރުމާ ހަމައަށް، ކޮންމެ މަރުހަލާއެއްގައިވާ ވިޔަފާރިތަކަށް އެހީތެރިވެދީ، އުންމީދީ އެއްވެސް ވިޔަފާރި ހިޔާލެއް ބާކީނުވާނެކަން ކަށަވަރުކޮށްދޭ ނިޒާމެކެވެ.