ދަށް ރޭޓެއްގައި ލޯން ނަގާ ކަމަށް ދައްކަން، ދައުލަތުގެ ކުންފުންޏެއް މެދުވެރިކޮށް އޮޅުވާލަން އެބަ އުޅޭ: އަމީރު
ސަން
12 ފެބްރުއަރީ 2026 | ބުރާސްފަތި | 1:54
މި އަހަރު ރާއްޖޭން ދައްކަން ޖެހޭ ލޯނު އަނބުރާ ދައްކަން ލޯނެއް ނަގާއިރު، އެއީ އިންޓްރެސްޓް ދަށް ރޭޓެއްގައި ނަގާ ލޯނެއް ކަމަށް ދައްކަން، ސަރުކާރުން އޮޅުވާލަން އުޅޭ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ތުހުމަތު ކުރައްވައިފިއެވެ.
މި އަހަރު ރާއްޖޭން އެއް ބިލިއަން ޑޮލަރުގެ ދަރަނި އަދާކުރަންޖެހެއެވެ. އޭގެ ތެރޭގައި އޭޕްރީލް މަހު އެއްފަހަރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކެއް ހިމެނެއެވެ. އަދި، އެ މަހު ދައްކަންޖެހޭ އިތުރު 100 މިލިއަން ޑޮލަރުގެ ދަރަންޏެއް ވެސް އެބައޮތެވެ.
އެ ދަރަނި ދައްކަން ސަރުކާރުން، އެމެރިކާގެ ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލްއިން 300 މިލިއަން ޑޮލަރުގެ ލޯނެއް، 14 ޕަސެންޓް އިންޓްރެސްޓް ރޭޓެއްގައި ނަގަން އުޅޭ ކަމަށް ޚަބަރު ވަނީ ފެތުރިފައެވެ.