އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދުކުރާތީ، ވެމްކޯގެ މުވައްޒަފުންތަކެއް އެހެން ރަށްރަށަށް ބަދަލުކުރިކަމުގެ ތުހުމަތު
ސަން
12 ފެބްރުއަރީ 2026 | ބުރާސްފަތި | 8:32
އެމްޑީޕީގެ ޓިކެޓުގައި ކައުންސިލު އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދުކުރާތީ، ތިނަދޫ ސިޓީގައި މަސައްކަތްކުރާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ތިން މުވައްޒަފަކު އެހެން ރަށްރަށަށް ބަދަލުކޮށްފިކަމަށް ތުހުމަތުކޮށްފިއެވެ.
'އެކްސް'ގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ހިއްސާކުރެއްވި ޕޯސްޓެއްގައިވަނީ، އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު އޮންނަ އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ތިނަދޫގެ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދުކުރާތީ، ސަރުކާރުން ވެމްކޯގެ ތިން މުވައްޒަފަކަށް އަނިޔާދީފައިވާ ކަމަށެވެ.
"އެގޮތުން އަޅުގަނޑާއެކު ފޮޓޯއެއް ނެގުމުން މިއަދު ތިނަދޫ ސިޓީގައި ވެމްކޯގައި މަސައްކަތް ކުރަމުންދިޔަ ނާބިޠު [މުޙައްމަދު]، [މުޙައްމަދު] ނާޢިފް އަދި [މުޙައްމަދު] ޞާލިޙް އަޙްމަދު ކުޅުދުއްފުށި ސިޓީ އާއި އިހަވަންދޫއަށް ބަދަލުކޮށްފި، ދޮގު ބަޔާނެއްގައި ސޮއިކުރުވަން މަޖުބޫރު ކުރުވައި އެ ތިން މުވައްޒަފުންނަށް ސަރުކާރުން ދިނީ ބޮޑު އަނިޔާއެއް،" ތިނަދޫގެ މޭޔަރު ސަޢުދު ޢަލީ ވެސް ހުންނެވި އެ ފޮޓޯ ހިއްސާކުރައްވައި ފައްޔާޒް ލިޔުއްވާފައިވެއެވެ.