ވޯލްޑް ޓްރެވަލް އެވޯޑްސް: އިންޑިއަން އޯޝަން ގާލާ ހަފުލާ މި އަހަރު ރާއްޖޭގައި
ސަން
16 ފެބްރުއަރީ 2026 | ހޯމަ | 5:31
ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ "ވޯލްޑް ޓްރެވަލް އެވޯޑްސް" ޑަބްލިއުޓީއޭގެ އިންޑިއަން އޯޝަން ގާލާ ހަފުލާ މި އަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.
އެމްއެމްޕީއާރުސީން ބުނީ މި ހަފުލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަސް ކަމަށްވާ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ކަމަށެވެ. އެންމެ ފަހުން ރާއްޖޭގައި މި ތާރީޚީ ހަފުލާ ބާއްވާފައި ވަނީ މީގެ 10 އަހަރު ކުރިންނެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ މަތީ ފެންވަރުގެ ޚިދުމަތްތައް ފާހަގަކޮށް، 1993 ވަނަ އަހަރު ދޭން ފެށި، މިހާތަނަށް ވެސް އެންމެ އިތުބާރު ހުރި އެވޯޑެވެ. މިހާރު 33 ވަނަ އަހަރަށް ގުނަމުންދާ މި އެވޯޑަކީ، ފަތުރުވެރިކަމުގެ މަންޒިލްތަކާއި، އެއާލައިންތަކާއި، ހޮޓެލް ރިސޯޓްތަކުގެ އިތުރުން ކްރޫޒް އޮޕަރޭޓަރުން ހިމެނޭހެން މި ސިނާއަތުގައި ހަަރަކާތްތެރިވާ ފަރާތްތަކުން ފޯރުކޮށްދޭ ފާހަގަކޮށްލެވޭ ޚިދުމަތްތަކުގެ އަގުވަޒަންކޮށް ދެވޭ އެވޯޑެކެވެ.