އުމުރަށް ޖަލަށްލާފައި ހުރި ޝަހީބަށް 650،000 ރުފިޔާ ދޭން ހުކުމެއް
ސަން
18 ފެބްރުއަރީ 2026 | ބުދަ | 4:54
ހުޅުމާލޭ ފަޅު ތެރޭ އަޅާފައި އޮތް ކަންނެލި ދޯންޏަކުން 2020 ވަނަ އަހަރު ހޯދި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ސާބިތުވެ، އުމުރަށް ޖަލަށްލާން ހުކުމްކޮށްފައިވާ ޕީއެންސީގެ އެކްޓިވިސްޓެއް ކަމަށްވާ ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބު އިބްރާހީމަށް، 650،000 ރުފިޔާ ތިން މަސް ދުވަހުގެ ތެރޭގައި ދައްކަން ފޯކައިދޫ މީހެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ސިވިލް ކޯޓުން، މިދިޔަ އަންގާރަ ދުވަހު ހުކުމް ކުރި މި މައްސަލައަކީ 2019 ވަނަ އަހަރު ޝަހީބުގެ ފަރާތުން، ށ. ފޯކައިދޫ އައްސޭރި އަހްމަދު އަޝްފާގުއާ ދެކޮޅަށް، އެއްބަސްވުމަކާމެދު ހިލާފު އުފެދިގެން ހުށަހަޅާފައިވާ މައްސަލައެކެވެ. އެއީ ޝަހީބު، އަޝްފާގަށް ދިން ކަމަށް ބުނާ 650،000 ރުފިޔާ އަނބުރާ ހޯދަން ހުށަހެޅި މައްސަލައެކެވެ. ޝަހީބުވަނީ 650،000 ރުފިޔާގެ އިތުރުން އެ ފައިސާ ނުދައްކައި ހިނގި މުއްދަތަށް މަހަކު، 65،000 ރުފިޔާގެ މަގުން ޖޫރިމަނާއާއެކު ޖުމްލަ ދެ މިލިއަނެއްހާ ރުފިޔާ ހޯދަން އެދިފައެވެ.
އެހެންނަމަވެސް، ގާޒީ ފައްޔާޒް ޝާތިރު ކުރެއްވި ހުކުމުގައި ޖޫރިމަނާގެ ބައި ހިމަނާފައެއް ނުވެއެވެ. ފައްޔާޒުގެ ހުކުމުގައި ބުނެފައިވަނީ، 650،000 ރުފިޔާ ތިން މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ ކަމަށެވެ.