އެމްބިއުލާންސަށް ޖާގަނުދިން ޑްރައިވަރު 750 ރުފިޔާއިން ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފި
ސަން
22 ފެބްރުއަރީ 2026 | އާދިއްތަ | 9:17
ސައިރަން އަޅަމުން ދިޔަ އެންބިއުލާންސަކަށް ޖާގަނުދީ، މަގު ބްލޮކްކޮށްގެން މުދާ ބޭލި މައްސަލައިގައި ޕިކަޕު ދުއްވި ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ވަންވޭ ނުވަތަ އެއްކޮޅަށް ދުއްވާ މަގެއްގައި ސައިރަން އަޅަމުންދިޔަ އެމްބިއުލާންސެއް އޮއްވައި، އޭގެ ކުރީގައި ކުޑަ ޕިކަޕެއް، މަގު ބްލޮކްވާހެން އޮތެވެ. އަދި އެވަގުތު ޕިކަޕުން މުދާ ހުސްކުރާ މަންޒަރު ފެނެއެވެ. އޭރު އެ ޕިކަޕުގެ ފަހަތުގައިވާ ބޮޑެތި އުޅަނދުތައް ބަރުގޮނު އަޅާއަޑު އިވެއެވެ.
ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ މަގު ބްލޮކްކޮށްފައި އޮތް ޕިކަޕުން މުދާ ބާލާ މަންޒަރު ފެނެއެވެ. އަދި މުދާތައް ބާލައި ނިމުމުން، ޕިކަޕު ދުއްވަން އިން މީހާ ވީޑިއޯކުރަންހުރި މީހާއާ ދިމާލަށް ކޮންމެވެސް އެއްޗެއް ބުނާ އަޑުވެސް އިވެއެވެ. ނަމަވެސް އެމްބިއުލާންސްގެ ސައިރަންގެ އަޑާއެކު ކިޔަނީ ކީކޭ ކަމެއް ސާފެއް ނުވެއެވެ.