އެމްބަސީތަކަށް ކުރާ ޚަރަދު 54 މިލިއަނަށް އިތުރުވެ، އަސާސީ މުސާރައަށް އެކަނި 2.3 މިލިއަން
ސަން
23 ފެބްރުއަރީ 2026 | ހޯމަ | 10:54
ދައުލަތުން އެމްބަސީތަކާއި ހައިކޮމިޝަންތަކަށް ކުރާ ޚަރަދު މަހަކަށް 54 މިލިއަން ރުފިޔާއަށް އިތުރުވެ، އޭގެ ތެރޭގައި އަސާސީ މުސާރައަށް ކުރާ ޚަރަދު އެކަނި 2.3 މިލިއަން ރުފިޔާއަށް އަރާ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެމްބަސީތަކުގައި ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރުވަމުން އަންނަކަމަށް ސަރުކާރާ ވާދަވެރި ބޭފުޅުން ތުހުމަތުކުރައްވައެވެ. އަދި ސަރުކާރުގެ އިސް ބޭފުޅުންގެ އާއިލީ ބޭފުޅުންނަށް އެމްބަސީތަކުން މަގާމުތައް ދޭކަމުގެ ތުހުމަތު ވެސް އިދިކޮޅު ފަރާތްތަކުން ކުރެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ސަން"އިން މިދިޔަ އަހަރު، އެމްބަސީތަކަށް ކުރާ ޚަރަދުގެ ތަފުސީލަށް އެދުމުން ފޮރިން މިނިސްޓްރީން އޭރު ވަނީ، 2024 ވަނަ އަހަރުގެ އޮކްޓޯބަރު އެކަކުން، މިދިޔަ އަހަރުގެ ޖެނުއަރީ 31ގެ ނިޔަލަށް ހިނގި ޚަރަދުތައް ހިއްސާކޮށްފައެވެ. އޭރު މިނިސްޓްރީން ބުނެފައިވަނީ، ބޭރު ގައުމުތަކުގައި ގާއިމްކޮށްފައިވާ ޖުމްލަ 21 މިޝަނަކަށް މަހަކު އެވްރެޖުކޮށް 32 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.