ޑޮލަރުގެ އަގު ދަށްނުވެ، 13 އަހަރުތެރޭ ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނީ މިދިޔަ އަހަރު
ސަން
25 ފެބްރުއަރީ 2026 | ބުދަ | 12:12
ޑޮލަރުގެ އަގު ދަށްކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދު ނުފުއްދި، މިދިޔަ އަހަރަކީ ފާއިތުވި 13 އަހަރު ތެރޭ މުދަލުގެ އަގު އެންމެ ބޮޑަށް އުފުލުނު އަހަރު ކަމަށް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން ނެރުނު، މިދިޔަ އަހަރުގެ ކޮންޒިއުމާ ޕްރައިސް އިންޑެކްސް ތަފާސްހިސާބުން ދައްކާ ގޮތުން، މިދިޔަ އަހަރު ރާއްޖޭގެ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އުފުލުނު މިންވަރު ވަނީ 4.04 ޕަސެންޓަށް އަރައިފައެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުން ދައްކާ ގޮތުން، ފަހުގެ ތާރީޚެއްގައި ހަތަރު ޕަސެންޓަށް ވުރެ މަތީގައި އިންފްލޭޝަން ހުރީ 2012 ވަނަ އަހަރެވެ. އެ އަހަރު އިންފްލޭޝަން 10.9 ޕަސެންޓުގައި ހުރުމަށް ފަހު، ޖެހިގެން އައި އަހަރު އެ އަދަދު ވަނީ 3.8 ޕަސެންޓަށް ވެއްޓިފައެވެ. އަދި އޭގެ ފަހުން އިންފްލޭޝަން ތިން ޕަސެންޓަށް ވުރެ އިތުރުވީ މިދިޔަ އަހަރެވެ.