ފުރާގު ބޯޓުން މިލަންދުއަށް މަސްތުވާތަކެތި ގެންދިޔަ މީހަކު ހައްޔަރުކޮށްފި
ސަން
25 ފެބްރުއަރީ 2026 | ބުދަ | 3:23
ށ. ފޯކައިދޫ، ފުރާގު ބޯޓުން އެ އަތޮޅު މިލަންދުއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ގެންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
މިލަންދުއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މިލަންދޫ، ގިރިޓީކުރާގޭ އަބްދުﷲ ޝުޖާއު، 48 އެވެ. އަބްދުﷲ ޝުޖާއު ހައްޔަރުކޮށް މިލަންދޫ ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް އޭނާ ބަންދުކޮށްފައި ބަހައްޓަންވަނީ މިއަދު އަމުރުކޮށްފައެވެ.
ޝުޖާއުގެ ބަންދު ރިޕޯޓުން އެނގޭ ގޮތުގައި އޭނާ ހައްޔަރުކޮށް ބެލި ބެލުމުން އޭނާގެ އަތުން ފެނުނު 55 ރަބަރު ޕެކެޓުގައި މަސްތުވާތަކެތި ހުރިކަމަށް ތުހުމަތު ކުރެވެއެވެ. އޭނާ އަތުން ފެނުނު މަސްތުވާތަކެތި، ޓްރެފިކިން މިންގަނޑަށް އަރާކަން ބަންދު ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އޭނާ ހައްޔަރު ކުރީ އިއްޔެއެވެ. އަދި އޭނާގެ މުއްދަތު ޖެހީ މިއަދުއެވެ.