ގޮނޑި ގެއްލޭ އިސްލާހު ނުނިންމާ އަހަރެއްވީއިރު, ކުރީގެ ފަނޑިޔާރުންގެ ތަހުގީގު ވެސް އޭސީސީން ނުނިންމާ!
ސަން
26 ފެބްރުއަރީ 2026 | ބުރާސްފަތި | 10:35
ސުޕްރީމް ކޯޓުގެ ބެންޗު ރޫޅާލައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅޭ ގޮތުން ހުށަހަޅާފައި އޮތް މައްސަލަ ހުއްޓިފައި އޮންނަތާ މިއަދަށް ބަރާބަރު އެއް އަހަރު ވިއިރު، ކުރީގެ ތިން ފަނޑިޔާރުންގެ މައްސަލައިގެ ތަހުގީގު އަދިވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ނިންމާފައެއް ނުވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދުއާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. އެ ފަހުން މިއަދަށް އަހަރެއްވީއިރު، އެ ދުވަހު ޖޭއެސްސީން ބުނީ ތިން ފަނޑިޔާރުންނާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރަމުންދާކަމުގައި އޭސީސީން ޖޭއެސްސީއަށް އަންގާފައިވާ ކަމަށެވެ.
ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް، ކޯޓުގައި އޮތް މައްސަލަ ހުއްޓިފައި އޮންނަތާ މިއަދަށް އަހަރެއްވީއިރު ވެސް، ތިން ފަނޑިޔާރުންނާ ގުޅޭ ތަހުގީގު އޭސީސީން އަދިވެސް ނުނިންމައެވެ.