ފައްޔާޒުގެ ރައްދު އިހުސާނަށް: އެގޮތަށް އާންމުންގެ ވީޑިއޯ ހާމާއެއް ނުކުރެވޭނެ، އެކަށީގެންވާ ސަބަބެއް އޮތްނަމަ ގާނޫނީ ފިޔަވަޅު އަޅާ!
ސަން
27 ފެބްރުއަރީ 2026 | ހުކުރު | 8:38
ހޯމް މިނިސްޓަރު އަލީ އިހުސާންގެ އަނބިކަނބަލުންނާއި ދަރިފުޅުގެ ވީޑިއޯއެއް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ނެގި ކަމަށް ތުހުމަތުކުރިޔަސް، އެފަދައިން އާއްމުންގެ ވީޑިއޯއެއް އާއްމު ނުކުރެވޭނެ ކަމަށާއި، އެކަށީގެންވާ ސަބަބެއް އޮތްނަމަ އެމީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްލާއީމް ވިދާޅުވެއްޖެއެވެ.
ކުރު ސީސީޓީވީ ފުޓޭޖަކާއެކު، މިނިސްޓަރު ރޭ ދަންވަރު ކުރެއްވި ޕޯސްޓުގައި ވަނީ، އިއްޔެ ހަވީރު އިބްރާހިމް ވަހީދާއި އަކްރަމް, އޭނާގެ އަނބިކަނބަލުންނާއި ދިހަ އަހަރުގެ ދަރިފުޅު މަގުމަތިން ދަނިކޮށް ވީޑިއޯކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، މި ސަރުކާރުން ދިވެހި ދައުލަތް "ޑިކްޓޭޓާޝިޕަކަށް" ވައްޓާލަމުންދާއިރު، މިހާރު މިއީ އެއްވެސް އަޚުލާގަކާއި ގާނޫނުތަކަށް ތަބާވުމެއް ނެތް ނާގާބިލް ދައުލަތެއް ކަމަށެވެ. އެ އަނިޔާއާއި ކޮރަޕްޝަންގެ ސީރިއަސްކަމުގެ މައްޗަށް، ރައްޔިތުންނަށް ޖާސޫސް ކުރައްވަން ހޯމް މިނިސްޓަރު އުޅުއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ކުރައްވައިގެން އެކަން ކުރެއްވުމަކީ ގަބޫލު ކުރަން ދަތި ކަމެެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.