މެދުއިރުމައްޗަށް ފުރަން ދިއުމުގެ ކުރިން ފްލައިޓް މައުލޫމާތު ސާފުކުރަން އެމްއޭސީއެލްއިން އެދެފި
ސަން
28 ފެބްރުއަރީ 2026 | ހޮނިހިރު | 8:05
މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ހަނގުރާމައިގެ ހާލަތު ގޯސްވުމާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ބުރޫއަރަމުންދާތީ، އެ ސަރަހައްދަށް ފުރަން ދިއުމުގެ ކުރިން ފްލައިޓް މައުލޫމާތު ސާފު ކުރުމަށް, މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިވަގުތު މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ފްލައިޓްތަކުގެ ޝެޑިއުލަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން، އެއާޕޯޓަށް ފުރަން ދިއުމުގެ ކުރިން ފްލައިޓްގެ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
އެމްއޭސީއެލްއިން ވަނީ ދަތުރުވެރިން ސަމާލުކަން ދޭންވީ މުހިންމު ކަންތައްތަކެއް ފާހަގަކޮށްފައެވެ. މީގެ ތެރޭގައި އެއާލައިންތަކުގެ ރަސްމީ ވެބްސައިޓްތަކާއި މޮބައިލް އެޕްލިކޭޝަންތައް މެދުވެރިކޮށް ފްލައިޓްގެ ވަގުތުތައް ޗެކްކުރުން ހިމެނެއެވެ. އަދި ޓުއާ އޮޕަރޭޓަރުން ނުވަތަ ޓްރެވަލް އޭޖެންޓުން މެދުވެރިކޮށް ޓިކެޓް ނަގާފައިވާ ފަރާތްތަކުން، އެ ފަރާތްތަކުގެ އިރުޝާދުތަކަށް ތަބާވުމަށްވެސް ވަނީ އަންގާފައެވެ.