ފުލައިޓުތައް ކެންސަލްވުމުން 1،400 އެއްހާ ފަތުރުވެރިން ނުފުރި އެބަތިބި: ޠާރިޤް
ސަން
1 މާރިޗު 2026 | އާދިއްތަ | 1:04
މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ހަނގުރާމައިގެ ހާލަތު ގޯސްވުމާ ގުޅިގެން ފުލައިޓުތަކަށް އައި ބަދަލުގެ ސަބަބުން ކެންސަލްވި ފުލައިޓުތަކުން ނުފުރި 1،400 ފަތުރުވެރިން އެބަތިބި ކަމަށް، ޓޫރިޒަމް މިނިސްޓަރު ޠާރިޤް އިބްރާހީމް ރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރާއި އެއާޕޯޓުތަކާ ބެހޭ ކުންފުނި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދު ހިމެނޭހެން ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވަނީ، ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގެ ބައިނަލްއަގުވާމީ ޓާމިނަލުގައި ތިބި ފަތުރުވެރިންނާ ބައްދަލުކުރައްވައި ހާލު އަހުވާލު ބައްލަވައިފައެވެ.
އެ ސަރަހައްދުގައި ތިވި ނޫސްވެރިންނާ ބައްދަލުކުރައްވައި ޠާރިޤް ވިދާޅުވީ، ފުލައިޓުތައް ކެންސަލްވުމުގެ ސަބަބުން މިވަގުތު އެއާޕޯޓުގައި ތާށިވެފައި ތިބި ފަތުރުވެރިންގެ ތެރެއިން ބައެއް ފަތުރުވެރިން އެދުނީ އެ މީހުން ކުރިން ތިބި ގެސްޓްހައުސްތަކަށާއި ރިސޯޓުތަކަށް ދެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަމަށެވެ.