ގާތްގަނޑަކަށް 15 އަހަރު ފަހުން، އަތަމާޕްލާޒާގެ ކޭސް ޖާބިރު ކާމިޔާބުކޮށްފި
ސަން
2 މާރިޗު 2026 | ހޯމަ | 12:31
މީގެ ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ކުރިން، 14 މިލިއަން ރުފިޔާއަށް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ބައްލަވައިގެންނެވި، މ. އަތަމާޕްލާޒާގެ ކޭސް އެންމެ ފަހުން ޖާބިރު ޝަރުއީ މަރުހަލާއިން ކާމިޔާބު ކުރައްވައިފިއެވެ.
މަލީޝާ ހައްޖު ގްރޫޕުގެ ވެރިޔާ ހުޅުމާލެ، އާފީނިވިލާ އިސްމާއީލް އަބްދުއްލަތީފްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މ. އަތަމާޕްލާޒާ، ޖާބިރު ބައްލަވައިގަތީ 2010 ވަނަ އަހަރުއެވެ. އެކަމަކު، ސިވިލް ކޯޓުގައި އިސްމާއީލް އަބްދުއްލަތީފްގެ މައްޗަށް ސާބިތުވި ދަރަންޏެއްގެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއްގައި އެ ގެ ވިއްކާލަން އިއުލާންކުރިއެވެ.
އިސްމާއީލް އަބްދުއްލަތީފްގެ ދަރަނި ދެއްކެނީ އެ ގެ ވިއްކާލައިގެން ކަމަށް އޭނާއަށް ދައުވާ ކުރި ފަރާތާއެކު ކޯޓުގައި އެއްބަސްވުމުން ޖާބިރު އޭރު އެ މައްސަލައިގެ ތެރެއަށް ތަދައްހުލްވެ ވަޑައިގަތް ނަމަވެސް، އެ ގެއަކީ އޭނާގެ ގެއެއް ކަމަށް ދަލާލަތު ކުރާ ހެއްކެއް ނެތް ކަމަށް ބުނެ އެ މައްސަލައިން ޖާބިރު އޭރު ބޭރު ކުރިއެވެ.