ޚާމަނާއީ އަވަހާރަކޮށްލުން: ދިވެހި ލީޑަރުންގެ ތެރެއިން އަދި ކުށްވެރިކުރެއްވީ ހަމައެކަނި މައުމޫން
ސަން
3 މާރިޗު 2026 | އަންގާރަ | 10:00
އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކުގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުން، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ރޭ ކުށްވެރިކުރައްވައިފިއެވެ.
މައުމޫން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިޚްލާސްތެރި މުސްލިމެއްގެ ހައިސިއްޔަތުން ޚާމަނާއީ އަވަހާރަކޮށްލުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި ޚާމަނާއީގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައި، އީރާނުގެ ރައްޔިތުންނަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުން އެދި ދުއާކުރައްވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޚާމަނާއީ އަވަހާރަކޮށްލި މައްސަލައިގައި ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރެއްވިއިރު، މިހާތަނަށް ދިވެހި ސަރުކާރުން ރަސްމީކޮށް އެއްވެސް މޭރުމަކުން އެ ކަން ކުށްވެރިކުރައްވައިފައިނުވެއެވެ. އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ވެސް އެކަން ކުށްވެރިކުރައްވަން ކެރިވަޑައިގެންފައިނުވެއެވެ. ރާއްޖޭގެ ސިޔާސީ އިސް އެހެން ލީޑަރަކު ވެސް މިކަމުގައި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.