ގޯއްޗާއި ފްލެޓް ލިބޭކަމަށް ބުނެ ސްކޭމް ހިންގާތީ ސަމާލުވާން މިނިސްޓްރީން އެދިއްޖެ

ސަން

3 މާރިޗު 2026 | އަންގާރަ | 12:17

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓް ލިބޭނެ ކަމަށް ބުނެ، އޮޅުވާލައިގެން އާންމުންގެ އަތުން ފައިސާ ނަގަމުންދާ މައްސަލަތަކެއް ފެންމަތިވެފައިވާތީ އެކަމަށް ސަމާލުވުމަށް ހައުސިން މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، "ބިންވެރިޔާ" ސްކީމްގެ ދަށުން ދޫކުރާ ގޯއްޗާއި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތައް ލިބޭނެ ކަމަށް ބުނެ، އެކި ފަރާތްތަކުން އާންމުންގެ އަތުން ފައިސާ ނަގަމުންދާކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ.

މިކަމާ ގުޅިގެން މިނިސްޓްރީން ހާމަކުރި ގޮތުގައި، ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫޢުތަކެއްގެ ދަށުން ގޯއްޗާއި ފްލެޓް ދިނުމުގެ މަސައްކަތް ކުރިއަށްދާނީ ވަރަށް ދެފުށް ފެންނަ އުސޫލަކުންނެވެ. އެގޮތުން ހުރިހާ މުޢާމަލާތްތަކެއް ވެސް ކުރިއަށްގެންދާނީ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އުސޫލުތަކާއި އިޖުރާޢަތުތަކުގެ އިތުރުން، މިނިސްޓްރީން އާންމުކުރާ ރަސްމީ އިއުލާނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މައުޟޫޢުތަށް