ގޮއިދޫގައި ކެންސަރު އިތުރުވާ ސަބަބު ހޯދަން، ތަހުލީލު ކުރުމަށް ދެ މިނިސްޓްރީން މަޝްވަރާކުރަނީ
ސަން
3 މާރިޗު 2026 | އަންގާރަ | 1:46
އެންމެ 500އެއްހާ މީހުންގެ އާބާދީއެއް އޮންނަ ބ. ގޮއިދޫގައި ކެންސަރު އިތުރުވާ ސަބަބު ހޯދަން، ތަހުލީލުތައް ހަދަން އެގްރިކަލްޗާ މިނިސްޓްރީއާއި ހެލްތު މިނިސްޓްރީން މަޝްވަރާ ކުރަމުން އަންނަ ކަމަށް އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގައި ކެންސަރު ބަލި ޖެހިފައިވާ މީހުން އިތުރުވުމުގެ ކަންބޮޑުވުން މިދިޔަ އަހަރުގެ ތެރޭ ވަނީ ފާޅުކޮށްފައެވެ. އެގޮތުން، ދަނޑުވެރި ރަށެއްކަމަށްވާ ގޮއިދޫގައި ކެންސަރު ބަލި އާންމުވުމުގެ ކަންބޮޑުވުމާއެކު އެކަމުގެ ސަބަބު ދިރާސާކޮށްދިނުމަށާއި، އެ ރަށުގެ ދަނޑުތަކުގައި ޕެސްޓިސައިޑް ބޭނުންކުރާ ގޮތް ބެލުމަށް އިންސްޕެކްޝަނެއް ހިންގައި ދިނުމަށް މިދިޔަ ޑިސެންބަރު މަހު އާންމު ރައްޔިތަކު އެދިފައިވެއެވެ.
އެ ރަށުގެ ރައްޔިތަކު އެގްރިކަލްޗާ މިނިސްޓްރީއާއި ހެލްތު މިނިސްޓްރީއަށް ފޮނުވި ސިޓީތަކުގައި ވަނީ މިދިޔަ ފަސް އަހަރު ތެރޭގައި ގޮއިދޫގެ ނުވަ މީހަކަށް ކެންސަރު ޖެހި، ތިން މީހަކު މަރުވެފައިވާކަން ފާހަގަކޮށްފައެވެ. އަދި އެ ރަށުގެ ގިނަ ދަނޑުތަކުގައި ހައްދާ ތަރުކާރީއާއި މޭވާއަކީ އިންސާނުންގެ ފުރާނައަށް ނުރައްކާ މިންވަރަށް 'ޕެސްޓިސައިޑްސް' ހުންނަ ތަކެތި ކަމަށް ބުނެ، އެކަން ބަލައި ދިނުމަށް އެދިފައިވެއެވެ.