ޔޫއޭއީން އެއްގަމު މަގުން އޮމާނަށް ދިޔުމުގެ ހުރަހެއް ނެތް، ބޯޑަރު ހުރަސް ކުރާއިރު ދިވެހީންނަށް ވިސާ ބޭނުންވާނެ: އެމްބަސީ
ސަން
3 މާރިޗު 2026 | އަންގާރަ | 5:11
މެދުއިރުމަތީގައި މިހާރު ހަނގުރާމަ ކުރަމުން ދާއިރު، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އިން އޮމާނަށް އެއްގަމުން ދިޔުމުގެ ހުރަހެއް ޔޫއޭއީ ސަރުކާރުގެ ނެތް ކަމަށާއި، ދިވެހީންނަށް އޮމާނުގެ ބޯޑަރު ހުރަސްކުރާއިރު ވިސާ ބޭނުންވާނެ ކަމަށް ޔޫއޭއީއަށް ކަނޑައަޅާފައިވާ ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އިއްޔެ ވިދާޅުވެއްޖެއެވެ.
ޔޫއޭއީގެ ދިވެހި އެމްބެސެޑަރު އިއްޔެ ވަނީ، ޔޫއޭއީގެ ފޮރިން މިނިސްޓަރު އަބްދުﷲ ބިން ޒައިދު ބިން ސުލްތާން އަލް ނަހްޔާންއާ ބައްދަލުކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމަށް ފަހު ޔޫއޭއީގައި އުޅޭ ދިވެހީން ތިބޭ ގްރޫޕަކަށް ފޮނުއްވި ވޮއިސް މެސެޖެއްގައި ސަފީރު ވިދާޅުވީ، އެ ގައުމުގައި ދިރިއުޅޭ މީހުންނަށް އިވޭ ބާރު އަޑުތަކަކީ، އެ ގައުމަށް ދެމުން އަންނަ މިސައިލް ހަމަލާތައް ޔޫއޭއީގެ ޑިފެންސް ސިސްޓަމުން ހުއްޓުވާ އަޑު ކަމަށެވެ.