ނުފުރުނު 100 އަށް ވުރެން ގިނަ އުމްރާވެރިންނަށް ރިފަންޑު ދޭން ފަށައިފި
ސަން
4 މާރިޗު 2026 | ބުދަ | 11:28
'އަލް އަބްރާރު ޕްރައިވެޓް ލިމިޓެޑް' ގްރޫޕުން ފަހު ވަގުތު އުމްރާއަށް ފުރުން ކެންސަލްކުރުމުން، އެ ގްރޫޕާއެކު އުމްރާއަށް ފުރަން ތިބި 100 އަށްވުރެ ގިނަ މީހުންނަށް ފުރޭގޮތް ނުވެ, އެކަން ބޮޑު މައްސަލައަކަށް ވެފައި ވަނިކޮށް, އުމްރާއަށް ދާން ދެއްކި ފައިސާއިން ބައެއް ރިފަންޑުގެ ގޮތުގައި ދޭން ފަށައިފިއެވެ.
މީގެ ތިން ވަރަކަށް މަސް ކުރިން މި ރޯދަ މަހުގެ ފަހު 15ގެ އުމްރާއަށް މީހުން ގެންދިއުމަށް އެ ގުރޫޕުން ވަނީ މީހެއްގެ އަތުން ގާތްގަނޑަކަށް 45000 ރުފިޔާ ނަގާފައި ކަމަށް, ފައިސާ ދެއްކި މީހުން ބުންޏެވެ.
އެ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދާ މީހުން ފުރަން އޮތީ ރޭގެ ފްލައިޓުންނެވެ. އިއްޔެ ހެނދުނު ވެސް ފުރޭނެ ކަމަށް އެންގުމަށް ފަހު ނުފުރޭނެ ކަމާއި ދަތުރު ކެންސަލް ކުރަން ނިންމާފައިވާކަން އަންގާފައިވަނީ އިއްޔެ މެންދުރު ކުއްލި މީޓިންއެއް ބޭއްވުމަށް ފަހުގައި ކަމަށް އެ ޖަމާއަތުން އުމްރާއަށް ދާން ފައިސާ ދެއްކި މީހުން ބުނެއެވެ. ދަތުރު ކެންސަލް ކުރި ސަބަބެއް ކަމަށް ގުރޫޕުން ބުނަނީ މެދުއިރުމަތީގައި މިހާރު ކުރަމުން އަންނަ ހަނގުރާމަ ކަމަށް މައުލޫމާތު ދިން މީހުން ބުންޏެވެ.