"75 ޕޮއިންޓް ލިބުނު މީހުންގެ ބަދަލުގައި، ބާކީ ހުރި 2 ކޮޓަރީގެ ފުލެޓުތައް ދޭން އިސްކަންދޭނީ ނިކަމެތި ހާލުގައި އުޅޭ މީހުންނަށް"
ސަން
4 މާރިޗު 2026 | ބުދަ | 3:23
ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތަކަށް ޝަރުތުހަމަވާން 75 ޕޮއިންޓް ލިބުނު މީހުންގެ ތެރެއިން ބާކީވި މީހުންނަށް، ދެ ކޮޓަރީގެ ފުލެޓުތައް ދޭން ކުރިން ބުނި ނަމަވެސް، މިހާރު އެ އުސޫލު ބަދަލުކޮށް، ފުލެޓުތައް ދޭނީ ނިކަމެތި ހާލުގައި އުޅޭ މީހުންނަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ގެދޮރުވެރިޔާ ސްކީމަށް ފުލެޓު ދޫކުރުމަށް ކުރީ ސަރުކާރުން ކަނޑައަޅައިފައި އޮތީ، 76 ޕޮއިންޓް ލިބޭ މީހުންނަށް ތިން ކޮޓަރީގެ ފުލެޓުތައް ދިނުމަށް ފަހު، 75 ޕޮއިންޓް ލިބުނު މީހުންގެ މެދުގައި ގުރު ނަގައިގެން ބާކީ ހުރި ތިން ކޮޓަރީގެ ފުލެޓުތައް ދިނުމަށެވެ.
އެހެންނަމަވެސް، 76 ޕޮއިންޓް ލިބޭ 300އަށްވުރެ ގިނަ މީހުންނަށް ފުލެޓު ކަނޑަނާޅައި، 75 ޕޮއިންޓް ލިބުނު ބައެއް މީހުންނަށް ފުލެޓު ދިން މައްސަލައެއް ފެންމަތިވިއެވެ. އެ މައްސަލަ މި ސަރުކާރުގެ ހައުސިން މިނިސްޓްރީން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވެސް ހުށަހަޅައިފައެވެ.