ޝީޝާ މަނާކޮށް، ހަކުރަށް ސަބްސިޑީ ކަނޑާލަން މަޝްވަރާކުރަނީ
ސަން
5 މާރިޗު 2026 | ބުރާސްފަތި | 2:43
ހަކުރުން ދޭ ސަބްސިޑީ ކަނޑާލުމަށާއި، ގިނަ ދިވެހީންގެ ތެރޭގައި މަގުބޫލު ޝީޝާ މަނާކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުالله ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 2024ގައި ވަނީ ވޭޕް މަނާކޮށް، ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކޮށްފައެވެ. އަދި 2007އިން ފެށިގެން އުފަންވެފައިވާ އަދި އެ ތާރީޚުގެ ފަހުން އުފަންވާ ހުރިހާ ކުދިންނަށް ދުންފަތް މަނާ ކުރުމުގެ ގާނޫނު މިދިޔަ ނޮވެންބަރު މަހު ވަނީ ތަންފީޒު ކުރަން ފަށައިފައެވެ.
އެ ފިޔަަވަޅުތަކަށް ތައުރީފުކޮށް، ދިވެހި ޑޮކްޓަރުން ހިމެނޭ މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ)އިން މިދިޔަ އޮކްޓޫބަރު މަހު ނެރުނު ބަޔާނެއްގައި ވަނީ، ހަކުރު އެކުލެވޭ ބުއިންތަކާ ޕާމް އޮއިލްއާއި ޓްރާންސް ފެޓް ގިނައިން ހުންނަ ކާބޯތަކެއްޗާއި ޕްރޮސެސްކޮށްފައިވާ މަސް ފަދަ އުފެއްދުންތަކުން ނަގާ ޓެކްސް ބޮޑުކުރަން ގޮވާލައިފައެވެ. އަދި އެކި ފްލޭވާތަކުގެ ދުންފަތް އެކުލެވޭ ބާވަތްތަކާއި ޝީޝާ އެއްކޮށް މަނާކުރަން އެ ޖަމިއްޔާއިން ގޮވާލިއެވެ.