ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން، ބިނާކުރަނިވި މަސައްކަތްތަކެއް ކުރުމަށް އިތުރު ވަގުތު ލިބޭނެ: އާދަމް ޝަރީފް
ސަން
5 މާރިޗު 2026 | ބުރާސްފަތި | 3:43
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމަށް މި ސަރުކާރުން ތާއީދު ހޯދަމުން އަންނައިރު، އެފަދަ ގޮތަކަށް އިންތިޚާބުތައް ބޭއްވުމަކީ، ކެމްޕެއިންގެ ދުވަސްވަރު އެކަމަށް ހުސްނުވެ، ބިނާކުރަނިވި މަސައްކަތްތަކެއް ކުރުމަށް އިތުރު ވަގުތު ލިބޭނެ ކަމެއް ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
މައި ދެ އިންތިޚާބު އެއްކޮށްލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް، އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ. އެ އެ ވޯޓު ބާއްވާ ދުވަސް ދިމާވަނީ، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީޓަކަށް މެންބަރުން އައްޔަންކުރުމަށް އިންތިޚާބު ބާއްވާ ދުވަހާއެވެ.
މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، އެއް ދުވަހެއްގައި ދެ އިންތިޚާބު ބޭއްވުމަކީ ވަރަށް ހަރުދަނާ، އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ހިންގުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން، ރާއްޖޭގައި ''ކެމްޕެއިން ފީވާ'' ކުޑަވާނެ ކަމަށް ވެސް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.