ޚުތުބާގައި ގޮވާލީ، ރަމަޟާންމަހުގެ ފަހު ދިހައިގައި އަޅުކަން އިތުރުކޮށް، ލައިލަތުލްޤަދުރި ހޯދުމަށް
ސަން
6 މާރިޗު 2026 | ހުކުރު | 1:16
ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތަކާ ބައްދަލުކުރާއިރު، މިއީ މާތް ﷲ ޚާއްޞަކުރައްވައިފައިވާ މާތް ދުވަސްތަކެއްކަން ފާހަގަކޮށް، ކުރެވުނު ހެޔޮ ޢަމަލުތަކާ މެދު ވިސްނައި އިތުރަށް ހެޔޮ ޢަމަލުކުރުމުގައި ދެމިތިބުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.
ރަޙުމަތުގެ މައްސަރު ވަކިވުމުގެ ވަގުތު ކުޑަތަންވަމުން އަންނައިރު، މި ބަރަކާތްތެރި ދުވަސްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.ކީރިތި ރަސޫލާ ﷺ ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގައި މާތް ﷲ އަށް ކުއްތަންވެވަޑައިގެން އަޅުކަންކުރެއްވުމުގައި އިތުރަށް ހީވާގިވެވަޑައިގެންނެވިކަން ޚުޠުބާގައި ފާހަގަކުރިއެވެ. އީމާންކަމާ އެކު، ސަވާބަށް އެދޭ ޙާލުގައި ރަމަޟާންމަހު ރޭ އަޅުކަންކޮށްފި މީހާގެ އިސްވެދިޔަ ފާފަތައް ފުއްސެވޭނެކަން ރަސޫލާ ﷺ ޙަދީޘްކުރައްވައިފައިވާކަން ވެސް ޚުޠުބާގައި ހަނދާންކޮށްދިނެވެ.
މީގެ އިތުރުން، އެއް ހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑުވެގެންވާ ލައިލަތުލްޤަދުރި ހޯދުމަށް ފަހު ދިހައިގެ އޮނަހިރި ރޭތަކުގައި ގަދައަޅައި މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ޚުޠުބާގައި އަލިއަޅުވައިލިއެވެ. އެ ރެޔަކީ އަށްޑިހަ ތިން އަހަރާއި ގާތްގަނޑަކަށް ހަތަރު މަސްދުވަހު މާތް ﷲ އަށް އަޅުކަންކުރުމުގައި ދެމިހުރި މީހަކަށް ލިބޭ ސަވާބާއި ދަރުމަ އެންމެ ރެއަކުން ލިބޭ ރެއެއްކަން ހަނދާންކޮށްދެމުން، އެ ދަރުމަ ޙާޞިލުކުރުމަށް މަސައްކަތްކުރުމަށް މުސްލިމުންނަށް ގޮވާލިއެވެ.