ބަންޑާރަ މިސްކިތް ތަޅާލުން ހުއްޓުވަައި، ހިމާޔަތްކުރަން ގޮވާލައިފި: "އެއީ 100 އަހަރުވެފައިވާ ތާރީޚީ ބިނާއެއް"
ސަން
6 މާރިޗު 2026 | ހުކުރު | 8:42
މާލޭގައި 100 އަހަރު ވެފައިވާ ތާރީޚީ މިސްކިތެއް ކަމަށްވާ ބަންޑާރަ މިސްކިތް ހުރި ތަނުގައި ޒަމާނީ ފެންވަރަށް ތަރައްގީކުރާ ބޮޑު މިސްކިތެއް އަޅަން ނިންމުމުން، އެކަން ހުއްޓާލައި، ތާރީޚު ހިމާޔަތްކުރަން އެދި ގިނަ ބަޔަކު ގޮވާލަން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ހާމަކުރެއްވި ގޮތުގައި ބަންޑާރަ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އަޅަން ބޭނުންވާ އެހީތެރިކަން، ދީލަތި ފަރާތަކުން ވަނީ ހަމަޖައްސައިދީފައެވެ. އެހެންކަމުން އެ ތަނުގައި މިސްކިތް އެޅުމުގެ މަސައްކަތް ފަށާނީ، ރޯދައިގެ ފަހުން ކަމަށާއި އެ މިސްކިތާއެކު، މާލޭގެ ހުރިހާ ބޮޑެތި މިސްކިތްތައް އާވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
އެ ނިންމުން ހާމަކުރުމާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޚާއްސަކޮށް ތާރީޚު ދިރާސާކުރައްވައި އަދި ތާރީޚީ ކަންކަން ހިމާޔަތްކުރަން ވަކާލާތުކުރައްވާ ގިނަ ބަޔަކު ވަނީ އެހާ ދުވަސްވީ މިސްކިތެއް ނެތިދާނެ ގޮތަށް އާ މިސްކިތެއް އަޅާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.