ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި އަންހެނުންގެ ފުރިހަމަ ހިއްސާ އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް: ސިޔާމް
ސަން
8 މާރިޗު 2026 | އާދިއްތަ | 9:31
ދައުލަތް ހިންގުމުގެ އެންމެހާ ގުނަވަންތަކާއި، ގާނޫނު ހެދުމުގެ މަޖިލީހާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމުގެ ތެރޭގައި އަންހެނުންގެ ފުރިހަމަ ހިއްސާ އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ސިޔާމް ފޮނުއްވި ޚިތާބުގައި ވަނީ ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި އަންހެނުންނަށާއި، އަންހެން ކުދިންނަށް އަދި ވަކިން ޚާއްސަކޮށް އެމްޑީއޭގެ އެންމެހާ އަންހެން މެންބަރުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވައިފައެވެ.
ސިޔާމް ވިދާޅުވީ މިއަދަކީ ގައުމު ބިނާކުރުމުގައި ކަނބަލުން އަދާކުރައްވަމުން ގެންދަވާ އަގުނުކުރެވޭ ފަދަ މުހިންމު ދައުރާއި، ދެއްވަމުން ގެންދަވާ މަތިވެރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގައި މުޅި މުޖުތަމައު ބައިވެރިވުން ނުހަނު ބޭނުންތެރި ދުވަހެއް ކަމަށެވެ. އެގޮތުން މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގެ މަގުގައި ގައުމެއްގެ ހައިސިއްޔަތުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވީ ނަމަވެސް، މި ދާއިރާއިން އަދިވެސް އިތުރު ހަރުފަތްތަކަށް ވާސިލުވާންޖެހޭ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށް ސިޔާމް ވިދާޅުވިއެވެ.