އެފްއޭއެމުން 30 މިލިއަން ގެއްލުން: ޖަވާޒު ވިދާޅުވީ އެއްވެސް ފައިސާއަކާ ހަވާލުނުވާ ކަމަށް
ސަން
8 މާރިޗު 2026 | އާދިއްތަ | 10:43
ރާއްޖޭގައި ބައިނަލްއަގުވާމީ ފުޓްބޯޅަ ފެސިލިޓީއެއް ގާއިމްކުރުމަށް ސަރުކާރުން އިއުލާނުކުރި މަޝްރޫއަށް، ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)އަށް ހުޅުމާލޭން ދިން ބިން އެކި ފަރާތްތަކަށް ކުއްޔަން ދީގެން ލިބެން ޖެހޭ ފައިސާގެ ތެރެއިން ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ ގެއްލިފައިވާ މައްސަލައިގައި، އެއްވެސް ފައިސާއަކާ ހަވާލުނުވާ ކަމަށް، އެފްއޭއެމްގެ ކުރީގެ އަމީންއާންމު ޙުސައިން ޖަވާޒު ރޭ ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި ފުޓްބޯޅަ ޓްރެއިނިން ފެސިލިޓީއެއް ގާއިމްކުރަން ދިން ބިން، އެކި ފަރާތްތަކަށް ދީގެން ލިބުނު ފައިސާއިން ބޮޑު ބައެއް ގެއްލިފައިވާ ކަމަށާއި، އެ ފައިސާއާ ހަވާލުވި ފަރާތްތަކުގެ ތެރޭ, މިހާރު މި ސަރުކާރުގެ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ޖަވާޒު ހިމެނޭކަމަށް އޮޑިޓު އޮފީހުން ބުނީ، އެ ބިން ކުއްޔަށް ދޫކުރުމުގެ މުއާމަލާތްތަކާ ގުޅޭ ގޮތުން ހެދި ޚާއްސަ އޮޑިޓެއްގައެވެ.
އެ އޮޑިޓުގައިވާ ގޮތުން، ފުޓްބޯޅަ ޓްރެއިނިން ފެސިލިޓީ ގާއިމްކުރުމަށް އެފްއޭއެމަށް ދޫކުރި ބިމުގެ ބައެއް ސްލޮޓްތަކާއި އިމާރާތުގެ ފަންގިފިލާތައް އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރުމަށް ފަސް ފަރާތަކާއެކު އެފްއޭއެމުން ހެދި ސަބްލީސް އެއްބަސްވުންތަކުގެ ދަށުން، އެ ފަރާތްތަކުން ކުލީގެ ގޮތުގައި އެފްއޭއެމަށް ދައްކަންޖެހޭ ފައިސާގެ ޖުމުލަ 14.1 މިލިއަން ރުފިޔާ އެފްއޭއެމަށް ލިބިފައިވާކަން، ނަގުދު ފައިސާއިންނާއި ޗެކުން ފައިސާ ދެއްކި ކަމަށް ބުނެ، އެ ފަރާތްތަކުން ހުށަހެޅި ލިޔެކިއުންތަކުން ފާހަގަވެއެވެ.