ފިރިމީހާ ނުވަތަ އަނބިމީހާގެ ބޯހިޔާވަހިކަމެއް އޮތަސް ގޯއްޗަށް އެދެވޭހެން ފުރުސަތު ހުޅުވައިފި
ސަން
8 މާރިޗު 2026 | އާދިއްތަ | 1:44
އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަށް އެދި ހުށަހެޅޭ ގޮތަށް އެކުލަވާލާފައިވާ އުސޫލުގެ ދަށުން "ގޯތިގެދޮރު" ޕްރޮގްރާމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ޕްރޮގްރާމުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު މިއަދުން ފެށިގެން އަންނަ މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 11:59 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ގޯއްޗަށް އެދި ކުރިމަތިލާން ޖެހެނީ ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށެވެ.
މި މަޝްރޫޢުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިން 1,250 އަކަފޫޓުގެ ގޯއްޗެވެ. "ގޯތިގެދޮރު" ޕްރޮގްރާމް ބަހާލެވިފައިވަނީ މައިގަނޑު ދެ ކެޓަގަރީއަކަށެވެ. ފުރަތަމަ ކެޓަގަރީއަކީ މާލޭގެ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީއެކެވެ. ދެވަނަ ކެޓަގަރީ ޚާއްސަކޮށްފައިވަނީ މާލޭގައި ދިރިއުޅޭ އަތޮޅުތެރޭގެ ރަށްވެހިންނަށެވެ.