ވީއައިއޭގެ އާ ޑޮމެސްޓިކް ޓާމިނަލް ކައިރިން ޓެކްސީ ނުލިބި، މާ ދުރަށް ހިނގަންޖެހޭތީ ތަކުލީފެއްކަމަށް ބުނެ ކަންބޮޑުވުން
ސަން
10 މާރިޗު 2026 | އަންގާރަ | 10:47
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޑޮމެސްޓިކް ދަތުރުތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކުރުމާ ގުޅިގެން، ޓެކްސީ ހޯދުމަށް މާ ދުރަށް ހިނގަންޖެހޭތީ ދަތުރުވެރިން ބޮޑެތި ޝަކުވާތަކެއް ކުރަން ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން "ސަން"އާ ވާހަކަދެއްކި ގިނަ ދަތުރުވެރިން ބުނި ގޮތުގައި، އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ގެނައި ބަދަލުތަކާއެކު، ޑޮމެސްޓިކް ޓާމިނަލް (ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް)އިން ނިކުމެގެން ޓެކްސީއެއް ހޯދުމަށް ކިއުއާ ހަމައަށް ދާން ކުރަންޖެހޭ ދަތުރު މިހާރު ވަނީ ވަރަށް ބޮޑު ތަކުލީފަކަށް ވެފައެވެ. ކުރިން ޑޮމެސްޓިކް ޓާމިނަލުން ނިކުމެ، ފެރީތައް އޮންނަ ސަރަހައްދުން ޓެކްސީ ކިއު ފެށޭތީ ހިނގަންޖެހޭ ރާސްތާ ކުޑަކަން ދަތުރުވެރިން ފާހަގަކުރެއެވެ.
ނަމަވެސް، އައު ބަދަލާއެކު ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް ސަރަހައްދުގައި އޮންނަ ޓެކްސީ ކިއު ވަނީ އުވާލާފައެވެ. އަދި އެ ސަރަހައްދުން ފަސިންޖަރުން ނެގުން މަނާކޮށްފައިވާތީ، ޑޮމެސްޓިކުން އަންނަ ފަސިންޖަރުން ދާންޖެހެނީ އިންޓަނޭޝަނަލް ޓާމިނަލްގެ އެރައިވަލްއަށެވެ. އެއީ ގާތްގަނޑަކަށް 481 މީޓަރުގެ ދިގުމިނެވެ. އާ ޓާމިނަލް ނިމޭ ހިސާބެވެ. ނަމަވެސް ކުރިން ޑޮމެސްޓިކުން ޓެކްސީއެއް ނަގަން ހިނގަންޖެހެނީ ގާތްގަނޑަކަށް 290 މީޓަރެއްހާ ސަރަހައްދުގެ ދިގުމިނަށެވެ.