ވެރިމީހާ ނަމާދަށް ދިޔަ ވަގުތު، ގެއެއްގެ ތިޖޫރީއެއް ވަގަށް ނެގި ބަޔަކު ޖަލަށްލައިފި
ސަން
10 މާރިޗު 2026 | އަންގާރަ | 11:28
ވެރިމީހާ ފަތިސްނަމާދަށް ދިޔަ ވަގުތު މާލާގެ ގެއަކަށްވަދެ، އެގޭ ތިޖޫރީ ވަގަށް ނެގި ދެ މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދައުލަތުންވަނީ ދެ މީހެއްގެ މައްޗަށް ތިން ދައުވާއެއް ކޮށްފައެވެ. އެއީ، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާއާއި ވައްކަން ކުރުމުގެ ދައުވާ އަދި މުދަލަށް ގެއްލުން ދިނުމުގެ ދައުވާއެވެ. މި ތިން ދައުވާކޮށްފައިވަނީ، ރ. އަލިފުށީ ހަބީބީހެޕް އިސްމާއިލް ސާއިފް އަދި، މއ. ދިއްލީ އަލީ ނިމާލްގެ މައްޗަށެވެ. ރިކޯޑްތަކުން ދައްކާ ގޮތުން މީގެ ތެރެއިން ސާއިފަކީ ކުށުގެ ގިނަ ރިކޯޑްތަކެއް އޮންނަ މީހެކެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ދަންވަރު ހިނގި މި ހާދިސާގެ މައްސަލަ ދައުލަތުން ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހެވެ. ކްރިމިނަލް ކޯޓުން މި މައްސަލަ ނިންމީ، ފަހު 10 އަކަށް ބަންދުވުމުގެ ކުރިން، ފަހު ދުވަހެވެ.