ރިޒާވަށް އިތުރު 100 މިލިއަން ޑޮލަރު ހޯދަން 2 އެޖެންސީއަކާ ދަނީ މަޝްވަރާކުރަމުން: ޒަމީރު
ސަން
12 މާރިޗު 2026 | ބުރާސްފަތި | 9:44
މެދުއިރުމަތީގެ ހަނގުރާމަ އަދި ވެސް ނުހުއްޓޭއިރު، ރިޒާވަށް އަސަރު ކުރުމުގެ ބިރު އޮތުމުން އިތުރު 100 މިލިއަން ޑޮލަރު ހޯދުމަށް އިންޓަލެޓަރަލް ދެ އެޖެންސީއަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރުތަކަށް ފިޔަވަޅު އެޅުމަށް އެކުލަވާލި ނުވަ މިނިސްޓަރުންގެ ކޮމިޓީން ރައީސް އޮފީހުގައި ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރިޒާވް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތާ ގުޅުވައި ސުވާލުކޮށްފައެވެ.
އެ ކަމަށް ޖަވާބުދެއްވައި މިނިސްޓަރު ވިދާޅުވީ، ރިޒާވް ހުސްނުވެ، ދެމެހެއްޓުމަށްޓަކައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާ އެކު މަޝްވަރާކޮށްގެން ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ. އެއް ކަމަކަށް ޒަމީރު ފާހަގަކުރެއްވީ، ރިޒާވަށް 100 މިލިއަން ޑޮލަރު ހޯދުމަށް އިންޓަނޭޝަނަލް މަލްޓިލެޓަރަލް ދެ އެޖެންސީއަކާ މަޝްވަރާކުރަމުން އަންނަ ކަމެވެ.