އައިއީއޭގެ ރިޒާވް ތެޔޮ، ރާއްޖެ ހިމެނޭ އޭޝިއާގެ ގައުމުތަކަށް ދޫކުރަން ފަށައިފި
ސަން
15 މާރިޗު 2026 | އާދިއްތަ | 9:43
މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ ސަޕްލައިއަށް ބުރޫއަރާފައިވާތީ، ކުއްލި ހާލަތުގައި ބޭނުންކުރުމަށް ރައްކާކޮށްފައިވާ ތެލުގެ ރިޒާވުން އޭޝިއާގެ ގައުމުތަކަށް ވަގުތުން ތެޔޮ ފޯރުކޮށްދޭން ފަށާނެ ކަމަށް އިންޓަނޭޝަނަލް އެނާޖީ އޭޖެންސީ (އައިއީއޭ)އިން މިއަދު ބުނެފިއެވެ.
އައިއީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެންބަރު ގައުމުތަކުގެ އެއްބާރުލުމާ އެކު ދޫކުރާ މި ތެޔޮ، ޔޫރަޕާއި އެމެރިކާ ބައްރަށް ލިބެން ފަށާނީ މި މާރިޗު މަހުގެ ނިޔަލަށް ކަމަށެވެ. ނަމަވެސް، އޭޝިއާގެ ގައުމުތަކަކީ މެދުއިރުމަތީގެ ތެލަށް އެންމެ ބޮޑަށް ބަރޯސާވާ ގައުމުތަކަށްވުމާ އެކު، އެ ސަރަހައްދަށް ވަގުތުން ތެޔޮ ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް އެ އޭޖެންސީން ފާހަގަކުރިއެވެ.
އައިއީއޭއިން ސިފަކުރާ ގޮތުގައި މިއީ ތާރީޚުގައި ވެސް ތެލުގެ ބާޒާރަށް ކުރިމަތިވި އެންމެ ބޮޑު ހުއްޓުމެވެ. މިކަން މެދުވެރިވީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މައި ދޮރާށި ކަމަށްވާ ހުރުމޫޒު ކަނޑުއޮޅި ބަންދުވުމާ ގުޅިގެންނެވެ.