ޕެޓްރޯލްގެ އަގު އުފުލުން: ''ސަރުކާރުގެ ސަމާލުކަން އޮތީ އިންތިޚާބަށް ނަމަ ރައްޔިތުންނަށް ގެއްލުން ބޮޑުވާނެ''
ސަން
16 މާރިޗު 2026 | ހޯމަ | 4:25
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލެމުން އަންނައިރު، ސަރުކާރުގެ ސަމާލުކަން އޮތީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ނަމަ ރައްޔިތުންނަށް ގެއްލުން ބޮޑުވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމެރިކާއާއި އިސްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ އެ ގައުމު ކައިރީ އޮންނަ ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފައެވެ. ދުނިޔެއަށް ބޭނުންވާ ތެލުގެ ފަސްބައިކުޅަ އެއްބައި އާންމުކޮށް ގެންދަނީ އެ ކަނޑުއޮޅިން ކަމަށް ވުމުން، ތެލުގެ ސަޕްލައިއަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރައިފައެވެ.
މިދިޔަ މަހުގެ 28ގައި ފެށި އެ ހަނގުރާމައާ ގުޅިގެން، މި މަހުގެ ފަސް ވަނަ ދުވަހު، ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ސަބްސިޑަރީއެއްކަމަށްވާ، އެފްއެސްއެމުން ވިއްކާ ތެލުގެ އަގު ވަނީ 18 އިންސައްތަ އާއި 26 އިންސައްތައާ ދެމެދުގެ މިންވަރަކަށް ބޮޑުކޮށްފައެވެ. އެއީ ކުރިން 13.50 ރުފިޔާއަށް ވިއްކަމުން ދިޔަ ޕެޓްރޯލް ލީޓަރުގެ އަގު 16.01 ރުފިޔާއަށް އަދި، 13.92 ރުފިޔާއަށް ލިބޭ ޑީސަލް ލީޓަރުގެ އަގު 17.54 ރުފިޔާއަށެވެ.