ތެޔޮ އަގު ބޮޑުވެ، ރަށްރަށުގައި ތެޔޮ ހޯދަން ބޮޑެތި ކިއޫތަކެއް
ސަން
17 މާރިޗު 2026 | އަންގާރަ | 1:14
އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާއާ ގުޅިގެން މިހާރު ކުރާ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގައި ވެސް ތެލުގެ އަގު އިންތިހާއަށް ބޮޑުވެފައިވާއިރު، ރާއްޖޭގައި ވެސް ތެލުގެ އަގު ބޮޑުވުމުން ބައެއް ރަށްރަށުގައި ތެޔޮ ހޯދަން ގިނަ ބަޔަކު ބޮޑު ކިއޫގައި ޖެހިއްޖެއެވެ.
ތެލުގެ އަގަށް އައި ބަދަލާ އެކު ބައެއް ރަށްރަށުގައި ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 29 ރުފިޔާއާ ހަމައަށް އުފުލިފައެވެ. އެހެންވެ، ބޭނުންވާ ވަރަށް ވުރެ އިތުރަށް ވެސް ބައެއް މީހުން ޕެޓްރޯލް ގަނެއެވެ.
ދިވެހި ތާރީޚު ދިރާސާކުރައްވާ ނާޖިހް ދީދީ މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، އައްޑޫ ސިޓީ މަރަދޫ ޕެޓްރޯލް ޝެޑުން ޕެޓްރޯލް ލީޓަރެއް ލިބެންހުރީ 29 ރުފިޔާއަށް ކަމަށެވެ. އެކަމަކު، ހިތަދޫން 18.56 ރުފިޔާއަށް ޕެޓްރޯލް އެޅުނު ކަމަށެވެ. ފަހުން، މަރަދޫގައި ވެސް އެ އަގަށް ތިރިކޮށްފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.