ގެއަށް ބަދަލުކުރިތާ 24 ގަޑިއިރު ނުވަނީސް ބައްސާމް އަނެއްކާ ވެސް ޖަލަށް
ސަން
17 މާރިޗު 2026 | އަންގާރަ | 9:06
ދިވެހިރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ރައީސްކަމުގައި ހުންނެވި ދުވަސްވަރު ހިންގިކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ ކުށްތަކެއް ސާބިތުވެ ޖުމުލަ 32 އަހަރަށް ޖަލަށްލާފައި ހުރި ބައްސާމް އަދީލް ޖަލީލް ގޭ ބަންދަށް ބަދަލު ކުރުމަށް ފަހު މާ ގިނައިރު ތަކެއް ނުވަނީސް އަނެއްކާ ވެސް ޖަލު ބަންދަށް ބަދަލު ކޮށްފިއެވެ.
ކޮރަޕްޝަންގެ ހަތަރު ދައުވާއެއް ސާބިތުވެފައިވާ ބައްސާމް ގޭ ބަންދަށް ބަދަލު ކުރީ އިއްޔެ މެންދުރެވެ. އެ ޚަބަރު ރޭ ނޫސްތަކަށް އެރުމުން އާއްމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަޙްމަދު މިއަދު "ސަން" އަށް ވިދާޅުވީ ބައްސާމް އިއްޔެ, ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރީ އޭނާ ހެދި ސާޖަރީއަކަށްފަހު ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށެވެ. އެކަން ކުރީ ކަރެކްޝަނުން އެފަދަ ހާލަތުގައި އަމަލު ކުރަން އޮންނަ ގަވާއިދާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.