ރާއްޖެއިން ނުލިބޭ ބޭސް ގެނައުމުގެ މައްސަލައިގައި އެސްޓީއޯ އާއި އެންސްޕާ މަޖިލީހަށް ހާޒިރުކުރަން އެދިއްޖެ
ސަން
19 މާރިޗު 2026 | ބުރާސްފަތި | 4:00
ރާއްޖެއިން ނުލިބޭ ބޭސް ބޭރުން ގެނައުމުގައި އާންމުންނާއި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އާ ދެމެދު ހިނގާ މުއާމަލާތްތަކުގައި ހުރި އޮޅުންތަކާއި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އާ ދެމެދު ހުރި މައްސަލަތައް ސާފުކުރުމަށް އެ ދެ މުއައްސަސާގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުކޮށްދިނުމަށް އެދިއްޖެއެވެ.
މިކަމަށް މިއަދު އެދިވަޑައިގަތީ މަޖިލީހަށް އެންމެ ގިނައިން ކަންކަން ހުށަހަޅުއްވާ މެންބަރު ކަމަށްވާ, ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެވެ.
މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއަށް މިއަދު މެންބަރު ކުޑޫ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ބޭސް ގެނައުމުގައި އެސްޓީއޯއާއި އެންސްޕާއާ ދެމެދު ހިނގާ މުއާމަލާތްތަކުގައި އަރާފައިވާ އޮޅުންތަކުގެ ސަބަބުން ބޭސް ބޭނުންވާ މީހުން ހާސްކަމެއްގެ ތެރެއަށް ގޮސްފައިވާ ކަމަށެވެ. އަދި އެތައް ދުވަހެއް ފަހުން ބޭސް ނުލިބުމުން، ބޭހަށް އޯޑަރު ނުދެވޭކަމަށް ބުނުން ފަދަ ކަންކަން ހިނގަމުންދާކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ލިބެމުންދާކަމަށް ވެސް އެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.